20 މާރޗް 2017 - މާލެ،
ޕެރޫއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސަލެންސީ މރ. ހޮރްހޭ ކަސްޓަނޭޑާ މެންޑޭޒް ފޮރިން ސެކްރެޓަރީ، ޑރ. އަލީ ނަސީރު މުޙައްމަދުގެ އަރިހަށް މިއަދު ހެނދުނުގެ ވަގުތެއްގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ޕެރޫ އާއި ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޕެރޫގެ ފަރާތުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ސަފީރު ޔަގީންކަންދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ ރިޝްފާ ރަޝީދާއި ޕޭރޫ އެމްބަސީގެ މިނިސްޓަރ، ޑެޕިއުޓީ ޗީފް އޮފް މިޝަން، މރ. ކާލޮސް ޖިމެނިޒް ބައިވެރިވެވަޑައިގެންނެވިއެވެ.
މރ. ހޮރްހޭ ކަސްޓަނޭޑާ މެންޑޭޒްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެމްބެސެޑަރ ކަސްޓެނާޑާ މެންޑޭޒްއަކީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަވާ އަދި ރާއްޖެއަށް ނޮން-ރެސިޑެންޓްކޮށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރއެވެ. ދިވެހިރާއްޖެއާ ޕޭރޫއާ ދެމެދި ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 6 ފެބްރުއަރީ 1989 ގައެވެ.