ޚަބަރު

އޯ.އޭ.ސީ.ޕީ.އެސް. ގެ 118 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

Ref: 2024/PR/381

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 118 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން، ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީ، މިއަދު ތަޤްރީރުކުރެއްވިއެވެ. މި ހިނގާ ޑިސެމްބަރ މަހުގެ 4 އިން 6 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް ގައި ބާއްވާ 'ހައިބްރިޑް' ބައްދަލުވުމެކެވެ.

އެކަމަނާގެ ތަޤްރީރުގައި، އޯ.އޭ.ސީ.ޕީ.އެސް. ގެ މެމްބަރު ޤައުމުތަކުންނާއި އެ ޖަމުޢިއްޔާ އިން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ފަދަ ކަންކަމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވިއެވެ. މީގެ އިތުރުން، އޯ.އޭ.ސީ.ޕީ.އެސް. އާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން، އިޤްތިސާދީ ގުޅުން ބަދަހި ކުރެވި، ދިވެހިރާއްޖެއަށް ފައިދާކުރާނެ ގޮތެއްގައި ވިޔަފާރި ފުޅާ ކުރެވޭނެ ފުރުސަތުތައް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. 

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960