ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ބޭއްވި އަޑުއެހުންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުން

Ref: 2024/PR/384

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފިއެވެ.

މިއީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ޤާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައި.ސީ.ޖޭ. ގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެ ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދި އ.ދ. ގެ 77 ވަނަ ޢާންމު މަޖިލީހުގެ 77/276 ވަނަ ޤަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކުރިއަށްދާ ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށްވަނީ ހުޅުވާލާފައެވެ.

އެގޮތުން އައި.ސީ.ޖޭ. ގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރައްވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ދިވެހިރާއްޖެފަދަ ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެހީ ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ދިވެހިރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަންޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލައްވައި، ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯގެ ދަށުން ޤައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްޞީލުކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމުގައާއި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960