ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހަށް ޗައިނާގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

Ref: 2024/PR/368

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވޮންގ ލިޝިން ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ޚަލީލް، ސަފީރުކަމުގެ ދައުރުގައި އެކަމަނާ ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެކަމަނާ ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އެކަމަނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރިޔަށް ދިޔަ މުހިއްމު މަސައްކަތްތަކާއި ޙާޞިލުކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. އަދި މިހާރު ކުރިޔަށް ގެންދާ މުހިއްމު މަޝްރޫޢުތަކުގެ ފަހުގެ އަދާހަމައާއި ކުރިޔަށް ރޭވިފައި ހުރި މަސައްކަތްތަކާގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

މި ބައްދަލުވުން ނިންމަވާލައްވަމުން، ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ދިވެހިރާއްޖޭގެ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި އަބަދުވެސް ރާއްޖެއަށް އެ ކަމަނާ ޒިޔާރަތް ކުރެއްވުމަށް މިނިސްޓަރ މަރުހަބާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960