ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ސްރީލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2024/PR/135

މި ޖޫން މަހުގެ 3 އިން 6 އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ސްރީލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިނިސްޓަރުގެ މިދަތުރުފުޅަކީ ސްރީލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ ގެ ދައުވަތަކަށް ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާ ގެ ރައީސް ރަނިލް ވިކްރަމަސިންގް، އަދި ބޮޑުވަޒީރު، ޑިނޭޝް ގުނަވަރދެނާ ގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތް ކުރެއްވިއެވެ. އަދި ޚާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލު ކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދެވިއެވެ. މި ބައްދަލުވުންތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންނާއި ސްރީލަންކާއަށް ދަތުރުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.  

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހީންނާއި ބައްދަލުކުރައްވައި ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި މިޝަންގެ މުވައްޒަފުނާވެސް  ބައްދަލުކުރެއްވެވިއެވެ.  

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ޑިރެކްޓަރ-ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960