ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުން

Ref: 2024/PR/215

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ. 


މި ދަތުރުފުޅުގައި، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވިއެވެ. މި މަޝްވަރާތަކުގައި، މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި، އިޤްތިޞާދީ އެއްބާރުލުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަށް ޗައިނާ ސަރުކާރުން ކޮށްދެމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި އެކަމަށް ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު މިނިސްޓަރ ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ އާ ޙިއްސާކުރައްވައި، މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. ރަސްމީ މަޝްވަރާތައް ނިންމަވާލައްވަމުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުއްމީދު ދެފަރާތުންވެސް ވަނީ ފާޅުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ފޮނުއްވެވި  ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުވާފައެވެ. 
މީގެއިތުރުން، މިނިސްޓަރ ޒަމީރުވަނީ ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ހިއްސާވާ ޗައިނާ ސަރުކާރުގެ މައި ކުންފުނިތަކާ ބައްދަކުރައްވައި، މިހާރު ކުރިޔަށްދާ މަޝްރޫޢުތަކާގުޅޭ އަދާހަމަ ޙިއްޞާކުރައްވާފައެވެ. އަދި ސިޑްކާގެ އެހީގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައި އެމްބަސީގެ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

 

މިދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. އަޙްމަދު ޝަފީގު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.  
ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960