ޖުލައި 8، 2024 -މާލެ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް ލިތުއޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑަޔާނާ މިކެވިޗިއެނޭ މިއަދު އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ
މި ބައްދަލުކުރެއްވުމުގައި ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރު މިކެވިޗިއެނޭ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ
ސަފީރު މިކެވިޗިއެނޭ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއާއި ލިތުއޭނިއާ ދެމެދު އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ލިތުއޭނިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ
މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފްް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ
ނިމުނީ