ޚަބަރު

ކޮމަންވެލްތުން ވަކިވާން ދިވެހިރާއްޖެއިން ނިންމައިފި: ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ކުރިޔަށް އޮތްތަނުގައިވެސް މަސައްކަތްކުރާނެ

13 އޮކްޓޫބަރ 2013، މާލެ
ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން މިއަދު ނިންމަވައިފިއެވެ. ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ، އުނދަގޫ، އެހެނަސް، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.
ކޮމަންވެލްތުގައި 1982 ވަނަ އަހަރު، ދިވެހިރާއްޖެ ބައިވެރިވީ، ވަރަށް ފޮނި އުއްމީދުތަކަކާއެކުއެވެ. އެޖަމުއިއްޔާއަކީ މެންބަރު ޤައުމުތަކަށް، ޚާއްސަކޮށް ކުދި ޤައުމުތަކަށް ދިމާވާ މުހިއްމު މައްސަލަތަކުގައި، އެއްބާރުލުމާއި އެހީތެރިކަން ހޯދުމުގެ މަސައްކަތްކުރަން ރަނގަޅު މާޙައުލެއްކަމަށް ދެކިގެންނެވެ.


ދިވެހިސަރުކާރުންވަނީ ކޮމަންވެލްތަށް ފުރިހަމަ އެއްބާރުލުން އެދުނު ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުުން ދީފައެވެ. ކޮމަންވެލްތުން ބަލަން ބޭނުންވި ކޮންމެ ކަމެއްގައި ދެފުށްފެންނަގޮތަށް އެންމެ މަތީ ފެންވަރުގައި ގުޅިގެން ކުރިޔަށް ދިއުމަށް މަސައްކަތްކޮށްފައެވެ. ދިވެހި ސަރުކާރުން އުއްމީދުކުރަމުން ދިޔައީ މިފަދަ އެއްބާރުލުމެއްގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރަނިވި ނަތީޖާތަކެއް ފެނިގެންދާނެކަމަށެވެ. ނަމަވެސް ހިތާމަޔަކީ، ޑިމޮކްރެސީގެ ސަގާފަތެއް ބިނާކުރުމަށާއި ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް ކޮމަންވެލްތުން ބަލައިގެންފައިނުވާކަމެވެ. ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުންވަނީ 110 ޤާނޫނެއް ފާސްކޮށްފައެވެ. މީގެތެރެއިން 94 ޤާނޫނަކީ ސީދާ ކޮމަންވެލްތުގެ މައިގަނޑު އަސާސްތަކާ ގުޅޭ ޤާނޫނުތަކެކެވެ. މިޤާނޫނުތަކުގެ ތެރެއިން 69 ޤާނޫނަކީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި ޑިމޮކްރެޓިކް ގަވަރނަންސް ހަރުދަނާކުރުމަށާއި، ދައުލަތުގެ ބާރުތައް ވަކިކުރުމަށް ވާގިދޭ ޤާނޫނުތަކެކެވެ. މިކަންތައްތަކުގު ސަބަބުން ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަމާއި ސަރުކާރު ހިންގުމާބެހޭ ނިޒާމު އިތުރަށް ހަރުދަނާވެ، ނަތީޖާތައް ދަނީ ފެންނަމުންނެވެ.
ފެބްރުއަރީ 2012 ގައި އޭރުގެ ރައީސް އިސްތިއުފާ ދެއްވުމާއިއެކު، ކޮމަންވެލްތުން ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. ރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ދުސްތޫރީ ހަމަތަކުގެ މަތިންކަމަށް، ކޮމަންވެލްތުގެ އެހީއާއެކު އެކުލަވާލެވުނު ކޮމިޝަން އޮފް ނޭޝަނަލް އިންކުއައިރީން ނިންމިނަމަވެސް، ކޮމަންވެލްތުން ރާއްޖެއާމެދު އެކި ފެންވަރުގެ ފިންތުންތައް ކުރިމަތިކުރުވިއެވެ. ރާއްޖެއާމެދު އަމަލުކޮށްފައިވަނީ ހަމައާއި އިންސާފުން ބޭރުންނެވެ. ދިވެހިރާއްޖެއާމެދު ފިޔަވަޅު އަޅައި، ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތުތަކަށް ބާރުފޯރުވުމަށް މަސައްކަތްކުރަމުންދިޔައީ، ކޮމަންވެލްތުގެ ޗާޓަރާއި އދ. ޗާޓަރުގެ އަސާސްތަކާއިވެސް ޚިލާފަށެވެ. ދިވެހިރާއްޖޭއަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި މަޤްބޫލުކަން ލިބިފައިވާ، ކުޑަ ޤައުމަކަށްވާތީ، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުންނާއި ކޮމަންވެލްތް ސެކްރެޓޭރިއަޓުން ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި ރާއްޖެއަށް އުނދަގޫތަކެއް ފޯރުވައި، ބައިނަލްއަޤްވާމީ މަސްރަޙުގައި އެޖަމިއްޔާއަކީ މުހިންމު، ބަސްވިކޭ ޖަމުއިއްޔާއަކަށް ހެދުމަށެވެ.
ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވިނަމަވެސް، ދިވެހިސަރުކާރުން ބޭރުގެ ފަރާތްތަކާއެކު، ޚާއްސަކޮށް ރާއްޖެއަށް ހެޔޮއެދޭ ރާއްޖެއާއި ގުޅިގެން މަސައްކަތްކުރަން ތިބި ޤައުމުތަކާއި ޖަމިއްޔާތަކާއެކު އަބަދުވެސް މަސައްކަތްކުރަމުންގެންދާނެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960