ޚަބަރު

ކިއުބާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
Featured

ކިއުބާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

Ref: 2025/PR/306

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަންޑްރޭސް މާރސެލޯ ގޮންޒާލޭޒް ގަރީޑޯ މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު މެންދުރު ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ކިއުބާ އިން ރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ސަފީރު އަންޑްރޭސް މާރސެލޯ ގޮންޒާލޭޒް ގަރީޑޯ އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތުގައި ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.  އަދި ކިއުބާގެ ޑޮކްޓަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު ފުރިހަމަ ސިއްހީހިދުމަތްތައް ފާހަގަކޮށް އެކަމަށް ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. 

ސަފީރު މާރސެލޯ ގޮންޒާލޭޒް ގަރީޑޯ ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް މުސްތަޤްބަލްގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.  

މި ބައްދަލުވުން ނިންމަވާލައްވަމުން، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު މާރސެލޯ ގޮންޒާލޭޒް އަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ކިއުބާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރުގެ ދައުރުގައިވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ވަޒީރުގެ އަރިހުގައި، ސެކްރެޓަރީ ޑޮކްޓަރ ހާލާ ޙަމީދު އާއި  މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް މުޙައްމަދު ޝަހީބު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960