ޚަބަރު

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގަތުން

ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިސް އެކްސެލެންސީ ވަންގ ޔީ ގެ ދައުވަތަކަށް، މި މަހުގެ 19 ން 24 އަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު، މިއަދު ފުރާވަޑައިގެންފިއެވެ

 
މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިޔަށްގެންދިއުމަށްޓަކައި، ދެ ސަރުކާރު ދެމެދު މަޝްވަރާކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ

މިގޮތުން ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ރަސްމީ މަޝްވަރާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ކުރުމާގުޅޭގޮތުން، ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ 

މީގެއިތުރުން، ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ހިއްސާވާ ޗައިނާ ސަރުކާރުގެ މައި ކުންފުނިތަކާ ބައްދަކުރައްވައި، މިހާރު ކުރިޔަށްދާ މަޝްރޫޢުތަކާގުޅޭ އަދާހަމަ ހިއްސާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. އަޙްމަދު ޝަފީގު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960