Ref: 2025/PR/33
ބޫޓާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިންޗެން ކުއެންޓްސިލް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމަށް، ބޫޓާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ކޮށްދެއްވި މަސައްކަތްޕުޅަށް، މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އެ މަނިކުފާނަށް ޝުކުރު އަދާ ކުރެއްވިއެވެ. ސަފީރު ކުއެންޓްސިލް ގެ ސަފީރު ކަމުގައި ދިވެހި ސަރުކާރުން އެ މަނިކުފާނަށް ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ބޫޓާން އަކީ ކުދި ޤައުމު ކަމަށްވާތީ، ދެ ޤައުމުން ވެސް ކުރިމަތިލާންޖެހެނީ ދާދި އެއްކަހަލަ ކަންބޮޑުވުންތަކާއި ގޮންޖެހުން ތަކެއްކަމަށް ސަފީރު ކުއެންޓްސިލް ވިދާޅުވިއެވެ. މިގޮތުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައްސަލަ ތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ފޮރިން ސެކްރެޓަރީ، އަލްފާޟިލާ ފާޠިމަތު ޢިނާޔާ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް މުޙައްމަދު ޝަހީބު އާއި އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޢަބްދުالله ދީދީ އަދި އެސިސްޓަންޓް ޑިރެކްޓަރު އަލްފާޟިލް އިބްރާހީމް ނައުޝާދު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.