Ref: 2025/PR/19
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލެންސީ ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު، ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާގައި، ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.
29 ޖެނުއަރީގައި ކުރިއަށްދިޔަ މި މަޝްވަރާ ފެށްޓެވުމުގެ ކުރިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުވަނީ ސަޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާގުޅިގެން ސަޢޫދީ ޝާހީއާއިލާގެ މެންބަރުންނަށް ތައުޒިޔާ ވިދާޅުވިއެވެ.