ޚަބަރު

ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2025/PR/23

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދުގެ ދަޢުވަތަކަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމާއި ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. 
 
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްވަނީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއި ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވައި، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކޮށް ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ބިނާރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.  

އަދި، މި ދަތުރުރުފުޅުގެ ތެރެއިން ރިޔާދާއި މަދީނާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް 
ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި، ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނާއި ޙައްޖާއި ޢުމްރާއަށް ދާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށާއި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގައި އެމްބަސީއާއި ކޮންސިއުލޭޓުން ވިލަރެސްކޮށްގެން ކުރައްވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރ ތައުރީފު ކުރެއްވިއެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960