ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

Ref: 2025/PR/16

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ، ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤްބަލުގައި އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ސަޢޫދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މިންވަރު މި ދަތުރުފުޅުން ރަމްޒުކޮށްދެއެވެ.

މިނިސްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960