Ref: 2025/PR/82
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް، މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ޑރ. އިއަން ބޯގް އާއި އެ ޤައުމުގެ މިނިސްޓަރ ފޮރ ހެލްތު އެންޑް އެކްޓިވް އޭޖިންގ، ޑރ. ޖޯ އެޓިއެން އަބޭލާ އާއި މިނިސްޓަރ ފޮރ ދަ އިކޮނޮމީ، އެންޓަޕްރައިޒް އެންޑް ސްޓްރެޓެޖިކް ޕްރޮޖެކްޓްސް، ސިލްވިއޯ ޝެމްބްރީ އާއި މިނިސްޓަރ ފޮރ ދަ އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ޕަބްލިކް ކްލެންލިނަސް، މިރިއަމް ޑަލީގެ އިތުރުން މެޑިޓަރޭނިއަން އެކެޑެމީ އޮފް ޑިޕްލޮމެޓިކް ސްޓަޑީޒްގެ ޑިރެކްޓަރ ޕްރޮފެސަރ ސްޓެފަން ކަލެއްޔާ އާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މަސްލަހަތު ތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް އިޤްތިޞާދީ ކުރިއެރުމާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި މޯލްޓާ އަކީ ދުނިޔޭގެ ސްޓްރެޓީޖިކް ލޮކޭޝަންތަކުގައިވާ ކުދި ޖަޒީރާ ދެ ޤައުމަށްވެފައި، މިކަމުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދުތައް ދުނިޔޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅި ލާމެހިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި މި ބައްދަލުވުންތަކުގައި ދެ ފަރާތުން ވެސް ވަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤްތިޞާދީ ވިލުންތެރިކަން އިތުރުކޮށް، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.
ނިމުނީ.