Ref: 2024/PR/320
ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ޚާރިޖީ ވަޒީރު ވަންގ ޔީ އަށް، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
އެ މަނިކުފާނުގެ މެސެޖުގައި ޗައިނާގެ 75 ވަނަ ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ސަރުކާރާއި، ރައްޔިތުންނަށާއި ޚާރިޖީ ވަޒީރަށް އަރިސްކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ގުޅުން އިތުރަށް ވަރުގަދަވަމުން ދާކަން ފާހަގަކުރައްވާފައިވެއެވެ.
ޚާރިޖީ ވަޒީރުގެ މެސެޖުގައި ޗައިނާގެ ވަން-ޗައިނާ ސިޔާސަތު ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށާއި، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވާ އަސްލަކީވެސް މި ސިޔާސަތުކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޙާއްސަގޮތެއްގައި، ބިނާވެއްޓާއި، ފަތުރުވެރިކަން އަދި ވިޔާފާރީގެ ދާއިރާއިން ގުޅުންތައް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ތަނުގައިވެސް، ދެ ޤައުމު ދެމެދު ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤުވާމީ މައިދާނުގައިވެސް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ.
ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ މެސެޖް ނިންމާލައްވަމުން، ޗައިނާގެ ރައްޔިތުންނަށް އަމާން، ފާގަތި އަދި ފަހި ދުވަސްތަކެއް އެދޭކަމަށާއި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަން ކުރިޔަށް އޮތް އަހަރުތަކަށްވެސް ދެމިގެންދާނެކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ.