ޚަބަރު

ޚާރިޖީ ވަޒީރު ޑރ.ޢަބްދު الله ޚަލީލް، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

Ref: 2025/PR/20

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސަޢޫދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި މި ގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ.ޢަބްދު الله ޚަލީލްވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭއަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމަށްވެސް މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރގެ އަރިހުގައި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960