ޚަބަރު

ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ކޮއީ ކުންގް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކެމްބޯޑިއާގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި  އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އެގޮތުން، ދެޤައުމުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަައް މުރާޖާކުރުމަށާއި ޚާއްޞަގޮތެއްގައި ޞިއްހީ އަދި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއްކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި ކެމްބޯޑިއާއަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ 

މިނިސްޓަރ ޒަމީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960