ޚަބަރު

ކާނަލް މުޙައްމަދު ނާޒިމުގެ މައްސަލައިގައި އދ. ގެ ވާރކިން ގުރޫޕުން ނެރުނު ލަފައަށް ދިވެހިސަރުކާރުން އިއުތިރާޒު ކުރަން

30 ޖެނުއަރީ 2017

 އދ. ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ކާނަލް (ރިޓަޔާރޑް) މުޙައްމަދު ނާޒިމް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، 26 ޖެނުއަރީ 2017 ގައި ޢާންމުކޮށްފައިވާ ލަފައަށް ދިވެހި ސަރުކާރުން އިޢުތިރާޒުކުރެއެވެ. މުޙައްމަދު ނާޒިމްއަކީ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ކުށުގައި، 26 މާޗް 2015 ގައި، 11 އަހަރަށް ޙުކުމްކޮށްފައިވާ މީހެކެވެ.

މުޙައްމަދު ނާޒިމްގެ މައްސަލަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި އެކި މަރުޙަލާތަކުގައި ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، އަދި އެކަން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ވަނީ ކަށަވަރުކޮށްދީފައިކަން ފާހަގަކުރަމެވެ. ދިވެހިރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށްވާއިރު، މި މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ދިވެހިސަރުކާރުން ގޮވާލަމެވެ.

އަދި، ތަޙުޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ނާޒިމް ބަންދުގައި ބެހެއްޓިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާއިރު، އެ މަރުޙަލާތައް ކުރިއަށް ދިޔައިރު، އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށްވެސް، މުޙައްމަދު ނާޒިމްގެ ފަރާތުން  އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ކަމާބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ.

މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ތެރެއިން އެފަދަ މައްސަލައެއް މުޙައްމަދު ނާޒިމްއަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އެފަރާތަށް ލިބިދީފައިވާތީ، ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ބޭނުން ހިފައި، އެގޮތުގެ މަތިން އެ މައްސަލަ ހުށަހެޅުމަށް އެފަރާތަށް ބާރުއެޅުމަށް ދިވެހިސަރުކާރުން އ.ދ.ގެ ވަރކިންގ ގްރޫޕަށް ގޮވާލަމެވެ.

ވަރކިންގ ގްރޫޕުން ޢާންމުކޮށްފައިވާ ލަފާގައި، ދިވެހިސަރުކާރުން އެ ގްރޫޕަށް ހުށަހެޅި މަޢުލޫމާތުގެ ވަކި ބައިތައް ވަނީ ހިމަނާފައެވެ. ނަމަވެސް އޭގެތެރޭގައި، މުޙައްމަދު ނާޒިމްގެ ޝަރީޢަތް ކުރިޔަށް ދިޔައީ ޢަދުލު އިންޞާފުގެ ހުރިހާ ހަމަތަކާއި، އިންޞާފާއި އެއްގޮތަށް ކަމަށް ބަޔާންކޮށް ދިވެހިސަރުކާރުން ހުށަހަޅާފައިވާ ތަފްޞީލުތަކުގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައިނުވާކަން ފާހަގަކުރަމެވެ. މުޙައްމަދު ނާޒިމްއަށްވަނީ މައްސަލައިގައި ދިފާޢުވުމަށް އެކަށީގެންވާ ވަގުތު ދެވިފައެވެ. އަދި ނާޒިމްގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ކޯޓުންވަނީ ބަލައިގެންފައެވެ. އަދި ޢަދުލު އިންޞާފުވަނީ ޤާއިމްކުރެވިފައެވެ.

ވަރކިންގ ގްރޫޕުގެ އޮޕީނިއަންގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށް، މުޙައްމަދު ނާޒިމް ދިރިއުޅޭ ތަނުން ގެންގުޅުންމަނާ ހަނގުރާމަވެރި ހަތިޔާރު ފެނުނު އިރު، އޭނާއަކީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތެއްނޫނެވެ. މުޙައްމަދު ނާޒިމް އޭރު ހުންނެވީ ދިވެހިސަރުކާރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަޤާމުގައެވެ. އޭނާ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައިވަނީ އޭނާގެ މައްސަލައިގެ ތަޙުޤީޤީ މަރުޙަލާގެތެރޭގައެވެ. އެކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ވާނީ ވަރކިންގ ގްރޫޕާއެކު ޙިއްސާކުރެވިފައެވެ. މީގެ އިތުރުން، ވަރކިންގ ގްރޫޕުން ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައި، މުޙައްމަދު  ނާޒިމް ހުރީ ޖަލުގައި ނޫންކަމާއި، 21 އޭޕްރީލް 2016އިން ފެށިގެން އޭނާ ހުންނަނީ ގޭބަންދުގައި މާލޭގައިކަން ފާހަގަކޮށްފައެއް ނުވެއެވެ.

ވަރކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް 'ހިޔުމަން ރައިޓްސް އެކްސްޕަރޓްސް' ގެ ނަމުން މުޚާތަބުކޮށްފައިވާކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެކެވެ. އ.ދ.ގެ ވަރކިންގ ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާއެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.  

މުޙައްމަދު ނާޒިމް ހުށަހެޅި މައްސަލައިގައި ވަރކިންގ ގްރޫޕުން ދިވެހިސަރުކާރާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަމަށް އެގްރޫޕުން ޝާއިޢުކުރި ލަފާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް، ހިތާމަޔަކީ މިމައްސަލައިގައި ދިވެހިސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ވަރކިންގ ގްރޫޕުން ހުށަހެޅީ، އެ ގްރޫޕުން އެކުލަވާލި ލަފާ ޝާއިޢުކުރުމަށް ފަހުގައިކަމެވެ. އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާތަކާ ސްޕެޝަލް ޕްރޮސީޖަރސްތަކާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހިސަރުކާރު އަބަދުވެސް އޮންނާނީ ތައްޔާރަށެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކުރާ ޙައްޤުތައް ޤާއިމްކޮށް، ޢަދުލުވެރި އިންޞާފުވެރި ޝަރީޢަތެއް ކޮންމެ މީހަކަށްވެސް ލިބިދިނުމަަށް ދިވެހިސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެއެވެ. އެހެންނަމަވެސް، ޝަރީޢަތުގެ މަރުޙަލާތަކުގެ ތެރެއަކަށް ސަރުކާރުން އަތެއްނުފޯރުވާނެއެވެ. މިފަދަ މައްސަލަތަކުގައި ނަތީޖާނެރުމަށް މަސައްކަތް ކުރަންވާނީ ޝަރުޢީ ނިޒާމުގެތެރެއިންނެވެ.  

އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ކުރާ މަސައްކަތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، އިތުބާރުލިބިގެންވާ، އަދި ޚަބަރުފަތުރާ ވަޞީލަތްތަކުން ފާޅުކުރާ ޝުޢޫރުތަކުން މިނިވަންވެފައިވާ މަސައްކަތްތަކަކަށްވުމަކީ މުހިއްމުކަމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960