Ref: 2025/PR/308
08 އޮކްޓޫބަރު 2025
ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން މިއަދު ވަނީ ނިމިފައެވެ.
މި ސެޝަންގައި އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ވަނީ 35 ޤަރާރަކާއި 2 ނިންމުމާއި 1 ރިޔާސީ ބަޔާން ފާސްކޮށް، ސްޕެޝަލް ޕްރޮސީޖާ މެންޑޭޓް ހޯލްޑަރުންގެ ގޮތުގައި އެއް ބޭފުޅަކު އައްޔަންކޮށްފައެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީއަށް ހަތް ބޭފުޅަކުވެސް މި ސެޝަންގައި އައްޔަންކުރިއެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި ސެޝަންގައިވެސް ދިވެހިރާއްޖޭގެ ވަފްދުން ވަނީ ސަރުކާރުން އިސްކަންދޭ ކަންތައްތަކާގުޅޭ ގޮތުން ޤައުމީ ބަޔާންތައް ދީ ކައުންސިލަށް ހުށަހެޅި އެތައް ޤަރާރުތަކެއް ކޯ-ސްޕޮންސަރކޮށްފައެވެ.
އޭގެ ތެރެއިން ދިވެހިރާއްޖެ ހިމެނޭ ކޯ-ގްރޫޕުން މި ސެޝަންއަށް ހުށަހެޅި ގަރާރު "ރޯލް އޮފް ޕްރިވެންޝަން އިން ދަ ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް: ދަ ރޫލް އޮފް ލޯ އެންޑް އެކައުންޓެބިލިޓީ" ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާއެކު ވަނީ ފާސްވެފައެވެ. މި ޤަރާރުގައި އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމަށް އަލިއަޅުވާލައި، އިންސާނީ ޙައްޤުތައް ދިފާއުކުރުމާއި އަނިޔާތަކަށް ހައްލުހޯދުމުގެ މައިގަނޑު މަސްޢޫލިއްޔަތު އޮންނަނީ ޤައުމުތަކަށްކަން ހާމަކޮށްދެވުނެވެ. އަދި 55 ޤައުމަކުން ވަނީ މި ޤަރާރު ކޯ-ސްޕޮންސަރކޮށްފައެވެ. މީގެ އިތުރުން، "ސީ-ލެވަލް ރައިޒް އެންޑް އިފެކްޓްސް އޮން ދަ ފުލް އެންޑް އިފެކްޓިވް އެންޖޯއިމެންޓް އޮފް ހިއުމަން ރައިޓްސް" ގެ ޤަރާރު އެކުލަވާލި ކޯ-ގްރޫޕްގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. 25 ޤައުމަކުން މި ޤަރާރު ކޯ-ސްޕޮންސަރ ކޮށްފައިވާއިރު، ހުރިހާ ޤައުމެއްގެ ތާއީދާއެކު މި ޤަރާރުވަނީ ފާސްވެފައެވެ.
ހަމައެއާއެކު، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޙައްޤާއި، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާއި، ހަނގުރާމައިގައި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ މަތީ ދަރަޖަ ލިބިގެން ދިއުމުގެ ޙައްޤު ރައްކާތެރިކުރުމަށް ކައުންސިލަށް ހުށަހެޅި އެތައް ގަރާރުތަކެއް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށް، ދިވެހިރާއްޖެއިން އިޖްތިމާޢީ ޢަދުލުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އަހަމިއްޔަތުކަން ދޭމިންވަރު ހާމަކޮށްދީފައެވެ.
މީގެ އިތުރުން، އޯރގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަދި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ ފަރާތުން ހުށަހަޅާފައިވާ ޖޮއިންޓް ސްޓޭޓްމަންޓް ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވެއެވެ. އަދި އިންފޯމަލް ގްރޫޕް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ފަރާތުން ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ޙިމާޔަތްކުރުމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ތަޤްރީރުކުރައްވާފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ 60 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ. އެކަމަނާގެ އަރިހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އާޢިޝަތު ރަޔާހީން، ތަރޑް ސެކްރެޓަރީ ފައިހާ އަހްމަދު ފިރާޤް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުއެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގްރޫޕްގެ ނައިބު ރައީސާގެ ހައިސިއްޔަތުން ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދު ވަނީ ކައުންސިލް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ.
ނިމުނީ