Ref: 2025/PR/79
ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 58 ވަނަ ބައްދަލުވުން މިއަދު ވަނީ ނިމިފައެވެ. މި ސެޝަންގައި އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ވަނީ 32 ޤަރާރެއް ފާސްކޮށް، ސްޕެޝަލް ޕްރޮސީޖާ މެންޑޭޓް ހޯލްޑަރުންގެ ގޮތުގައި ތިން ބޭފުޅަކު އައްޔަންކޮށްފައެވެ.
ފެބްރުއަރީ 24 އިން 26 އަށް ކުރިއަށް ދިޔަ ހައިލެވެލް ސެގްމަންޓްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް 24 ފެބްރުއަރީ 2025 ވަނަ ދުވަހު ތަޤުރީރުކުރެއްވިއެވެ. އެ މަނިކުފާނުގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގައި ދިވެހި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންގެންދާ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ހައި-ލެވަލް ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް ޖެނީވާއަށް ވަޑައިގެންނެވި އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ސެޝަންގެ ހަވާސާގައި ބޭއްވި ދެ ހައި ލެވަލް ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއިން އިސްނަގައިގެން "އެޑްވާންސިން ދަ ޔުނިވާސަލް ހިއުމަން ރައިޓް ޓު އަ ކްލީން، ހެލްތީ އެންޑް ސަސްޓައިނަބަލް އެންވަޔަރަންމަންޓް: ޓޭކިން ސްޓޮކް އެންޑް ވަޓް ނެކްސްޓް" މި ނަމުގައި ކޯ ގްރޫޕް އޮން ދަ ރައިޓް ޓު އަ ހެލްތީ އެންވަޔަރަންމަންޓްގެ އެހެން މެމްބަރުންނާ ގުޅިގެން ބޭއްވި ހައިލެވެލް ސައިޑް އިވެންޓް ފާހަގަކޮށްލެވެއެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި ސެޝަންގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންއިން ވަނީ ސަރުކާރުން އިސްކަންދޭ އެކިއެކި ދާއިރާއިން ޤައުމީ ބަޔާންތައް ދީ، ސަރުކާރުން އިސްކަންދެމުންދާ ދާއިރާތަކުން 18 ޤަރާރެއް ކޯ-ސްޕޮންސަރކޮށްފައެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް، ޑިމޮކްރަސީ އެންޑް ރޫލް އޮފް ލޯ، ނިއުރޯޓެކްނޮލޮޖީ އެންޑް ހިއުމަން ރައިޓްސް، ރައިޓް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް ޓު ސެލްފް ޑިޓަރމިނޭޝަން އަދި މެންޑޭޓް ރިނިއުއަލް ފޯ ސްޕެޝަލް ރެޕަޓުއާ އޮން ދަ ރައިޓް ޓު ފުޑް ހިމެނެއެވެ.
ރައިޓް ޓު އަ ހެލްތީ އެންވަޔަރަމަންޓްގެ ކޯރ ގްރޫޕްގެ ފަރާތުން، ދިވެހިރާއްޖެއިން ވަނީ ކަނޑުތަކާއި އިންސާނީ ޙައްޤުތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައިޓް ޓު އަ ކްލީން، ހެލްތީ، އެންޑް ސަސްޓައިނަބަލް އެންވަޔަރަމަންޓްއާއި ގުޅޭ ޤަރާރެއް ކައުންސިލަށް ހުށަހަޅާފައެވެ. މި ޤަރާރު ހުށަހެޅުމުގައި ދިވެހިރާއްޖެއިން އިސްދައުރެއް އަދާކުރިއެވެ. މިގޮތުން މި ޤަރާރު ޑަރާފްޓްކުރުމާއި މި ޤަރާރުގެ ނެގޯޝިއޭޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން ވިމެން އިން ޑިޕްލޮމަސީގެ ކޯ-ގްރޫޕްގެ މެމްބަރެއްގެ ހައިސިއްޔަތުން "ވިމެން، ޑިޕްލޮމަސީ އެންޑް ހިއުމަން ރައިޓްސް" ގެ ނަމުގައި ދިވެހިރާއްޖެއިން ވަނީ ޤަރާރެއް ހުށަހަޅާފައެވެ. މި ދެ ޤަރާރުވެސް ފާސްކޮށްފައިވަނީ ކައުންސިލްގެ އިއްތިފާގުންނެވެ.
ހަމަ މިއާއެކު ދިވެހިރާއްޖެ ނިސްބަތްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ ޖޮއިންޓް ސްޓޭޓްމަންޓްތައް ހިމެނޭ ގޮތަށް ދިވެހިރާއްޖެއިން ވަނީ 47 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސާކޮށްފައެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ދިވެހިރާއްޖެއިން ކައުންސިލްގައި ދެ ޖޮއިންޓް ސްޓޭޓްމަންޓެއް ދިނެވެ. މި ޖޮއިންޓް ސްޓޭޓްމަންޓްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކައުންސިލްގެ މަސައްކަތްތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން އިތުރުކުރަން ގޮވާލާފައިވެއެވެ. މި ސެޝަންއަށް ފަލަސްތީނާއި ގުޅޭގޮތުން ހުށަހަޅި ޖޮއިންޓް ސްޓޭޓްމަންޓްތައް ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ކައުންސިލަށް ހުށަހެޅި ގަރާރުތަކާއި އެއްކޮޅަށް ވޯޓްލައި ސަރުކާރުން އަބަދުވެސް ފަލަސްތީނު ރައްޔިތުންނާއި އެކު ތިބޭނެކަން ހާމަކޮށްދީފައެވެ.
އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ 58 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ. އެކަމަނާ އަރިހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން، ތަރޑް ސެކްރެޓަރީ އަލްފާޟިލާ ފާޠިން ޝޫރާ ޙަލީމް އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.