Ref: 2025/PR/302
ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޔޮހާން ވަޑެފޫލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޖަރުމަނުވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުރެވުނުތާ 60 އަހަރުފުރުން ކުރިމަތިވަމުން އަންނައިރު، މަނިކުފާނާއެކު ގާތުން މަސައްކަތްކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށްވެސް އެކުގައި ކުރިއަރައި މި ގުޅުން ފުޅާކުރުމުގައި އިތުރު ދާއިރާތައް ދެނެގަތަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.