Ref: 2025/PR/226
ޖަޕާނުގެ ބޮޑުވަޒީރުގެ ޙާއްސަ މަންދޫބު، އަދި ޕާލަމަންޓަރީ ވައިސް މިނިސްޓަރ، މިސް އިކުއިނޯ އަކިކޯ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ޚާއްސަ މަންދޫބު އަދި އެކަމަނާގެ ވަފުދަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ޙާއްސަކޮށް ޢުމްރާނީ ތަރައްޤީއާއި އިންސާނީ ވަޞީލަތްބިނާކުރުމާއި، މަސްވެރިކަމާއި މުވާޞަލާތީ ދާއިރާގެ ތަރައްޤީއަށްޓަކައި ޖަޕާނުން ފޯރުކޮށްދެއްވާފައިވާ އެހީ ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން މިފަދަ ކޮންމެ އެހީއަކީ، އެކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ސީދާގޮތެއްގައި ލިބިގެންދާ އެހީކަމުގައި ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ބިނާކޮށްފައިވާ މާލޭގެ ތޮށި، މަރާމާތުކުރުމަށްޓަކައި ވެދެއްވި އެހީ ފާހަގަކުރައްވައި، ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލެ ވަށައިގެން ލެވިފައިވާ ތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުން ކުރިޔަށްއޮތް ތަނުގައިވެސް ސަރަޙައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަން އައު ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ-އެޓް-ލާރޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް، ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.