ޚަބަރު

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖައިކާގެ ރައީސްއާ ބައްދަލުކުރައްވާ، އެމުއައްސަސާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ އެހީތެރިކަން އިތުރަށް ފުޅާކުރުމާމެދު މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް، ޖަޕާނުގެ ޖައިކާގެ މައި އޮފީހަށް ޒިޔާރަތްކުރައްވާ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީގައި ޖައިކާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެމުޢައްސަސާއަށް ޝުކުރު އަދާކުރައްވައިފިއެވެ. ޖައިކާގެ ރައީސް ޑރ. ޝިނީޗީ ކިޓައޮކާ އާއެކު މިއަދު ހެނދުނު ޖައިކާގެ މައި މަރުކަޒީ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި، ޖައިކާގެ ބެލުމުގެ ދަށުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، އެމަޝްރޫޢުތައް ތަންފީޒުކުރުން ހަލުވި ކުރެވިދާނެ ގޮތްތަކާއި، ކުރިމަގުގައި ޖައިކާއިން ރާއްޖޭގައި ފުޅާ ދާއިރާއެއްްގައި ހަރަކާތްތެރިވުމާމެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ 50 ވަނަ އަހަރީ ދުވަސް ކައިރިވަމުން އަންނަކަން ފާހަގަކުރައްވާ، ދިވެހި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޖައިކާއިން އެކި ރޮނގުތަކުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ތައުރީފު ކުރެއްވިއެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2014 ވަނަ އަހަރު ޖަޕާނަށް ކުރެއްވި ތާރީޚީ ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޝިންޒޯ އާބޭ އާއެކު ކުރެއްވި މަޝްވަރާތަކުގައި ނިންމެވި ތަފާތު މުހިންމު މަޝްރޫޢުތަކަށް އަލިއަޅުއްވާލެއްވިއެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޖަޕާނުގައި ދިވެހިރާއްޖެއިން ދަމަހައްޓަމުންދާ މަޤްބޫލުކަމާމެދު ވާހަކަފުޅު ދައްކަވަމުން، ޑރ. ކިޓައޮކާ ވަނީ ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަން ޖަޕާނުގައި ޕްރޮމޯޓު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދެއްވައި، އެކަމުގައިވެސް ޖައިކާއިން ބައިވެރިވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި، ރާއްޖެއަކީ ޖަޕާނުގެ ޒަމާންވީ އިތުބާރުހިފޭ، ގާތް، ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުން ދިއުމަށް ދެވޭ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމްބެސެޑަރ މުޙައްމަދު ޙުސެއިން ޝަރީފްެގެ ވާހަކަފުޅުގައި، މާލޭގައި ހުންނަ ޖައިކާގެ އޮފީހުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށްޓަކައި ޖައިކާގެ ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ތަޢްލީމާއި، ޞިއްޙަތާއި، ކުޅިވަރު ފަދަ ދާއިރާތަކުން މީހުން ބިނާކުރުމާއި ހުނަރު ތަރައްޤީކުރުމުގެ ފަންނީ މަސައްކަތްތައް އިތުރަށް ފުޅާކުރަން ސަރުކާރުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ ކަނޑުގައި އަދި އެކަނޑުގެ އައްސޭރީގައި އޮންނަ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، އެޤައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާކުރުމާއި، އެޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ޖަޕާނުން ބައިވެރިވަމުންދާނެކަމުގެ ޔަޤީންކަން ޑރ. ކިޓައޮކާ ދެއްވިއެވެ. އަދި، އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން 2019 ގައި ހޯދުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޖަޕާނުގެ ތާއީދު ލިބޭނެކަމަށާއި، އެކަން ރާއްޖެއަށް ކާމިޔާބު ވެއްޖެ ނަމަ، ސަލާމަތީ މަޖިލީހުގައި ދާއިމީ މެންބަރުންގެ އިތުރުން އެންމެ ގިނަ މުއްދަތެއް ހޭދަކުރަމުން އަންނަ ޖަޕާނުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަޤީންކަންވެސް ޑރ. ކިޓައޮކާ ދެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960