30 މާރިޗު 2017، މާލެ
ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމް އަދި ޕަބްލިކް ސެކިއުރިޓީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކުރައްވައިފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވާފައިވާ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް އެވެ. ޖަޕާން ސަރުކާރުގެ ފަރާތު ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ކަޒުމީ އެންޑޯ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖަންސީ (ޖައިކާ) އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާނަކީ ދިވެހި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ދީލަތި އެހީތަކެއް ވެދެއްވަމުން އަންނަ ޤައުމެކެވެ. މިގޮތުން އެތައް އަހަރު ތަކެއްގެ މަތިން ކާޑުގެ އެހީއާއި އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެތަކެއް އެހީފޯރުކޮށްދެއްވާފައިވެއެވެ. އަދި ޖަޕާނުގެ ވަރަށް ގިނަ ވޮލަންޓިއަރުން ދިވެހި ރާއްޖޭގެ އެކި އެކި ރަށްރަށުގައި އެކި ދާއިރާ ތަކުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން ގެންދެއެވެ.