Ref: 2025/PR/174
މިއަހަރުގެ އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ ފާހަގަކުރުމުގެ ގޮތުން "ސެލެބްރޭޓިންގ ވިމަން ޑިޕްލޮމެޓްސް"ގެ ނަމުގައި އިންޓަރެކްޓިވް ޑައިލޮގް އެއް މި މިނިސްޓްރީ އިން ބާއްވައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި މިއަދު ބޭއްވި މި ޑައިލޮގް ޝަރަފްވެރިކޮށްދެއްވީ އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ފުރަތަމަ އަންހެން ޑިޕްލޮމެޓް އަދި އަންހެނުންގެ ތަރައްޤީއާއި ހައްޤުތައް ކުރިއެރުވުމުގެ އިސް ސަފުގައި ހުންނެވި ކުރީގެ ޑިޕްލޮމެޓް އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލާ އަނީސާ އަޙްމަދުއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި އަންހެން ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމަނާއަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާ ލިބިވަޑައިގެންނެވި ފުރުސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޑިޕްލޮމަސީގެ ދާއިރާގައި އަންހެން ބޭފުޅުންނަށް އެއް ހަމައެއްގައި ބައިވެރިވެވޭނެކަން ޔަޤީންކުރެވޭނެ މަގު ސާފުވެފައި އޮތްކަމަށް ވިދާޅުވެ، އެ ލަނޑުދަނޑި ހާސިލުކުރުމަށް އަވަހަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އެ ކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ އަދުގެ އަދި މާދަމާގެ އަންހެން ޑިޕްލޮމެޓުންނަށް އުއްމީދުގެ މެސެޖެއް ދެއްވަމުންނެވެ.
މި ޑައިލޮގްގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ހެ ފެން އާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ކައުންސެލަރ ކިރަން ކަތްރީ އަދި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޮރ ދަ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ހިމެނޭ ޕެނަލް ޑިސްކަޝަން އެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ޕެނަލް ގައި މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ބާރުލިބިދޭ ގޮތަށް މުއައްސަސާތަކައް މަސަތްކަތްކުރެވޭނެ ގޮތްތަކާ، ޑިޕްލޮމަސީގައި އަންހެން ޑިޕްލޮމެޓުންނަށް އެއް ހަމައެއްގައި ބައިވެރިވެވޭކަން ކަށަވަރުކުރުމަށް ބަދަލުކުރަންޖެހޭ ކަންތައްތަކަށް އަލިއަޅުވާލާފައިވެއެވެ. މި ޕެނަލް މޮޑަރޭޓް ކޮށްދެއްވާފައިވަނީ މި މިނިސްޓްރީގެ ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބުއެވެ.
މި އަދު ބޭއްވުނު އިންޓަރެކްޓިވް ޑައިލޮގް ގައި ދިވެހި ފޮރިން ސަރވިސްގައި މި ވަގުތު ޚިދުމަތް ކުރަމުންދާ އެންމެ ޒުވާން އަންހެން ޑިޕްލޮމެޓް، ނައުޝީން ނާއިފް ސަލީމް ވާހަކަދެއްކެވިއެވެ. އަދި މިއަދުގެ ސެޝަން ނިންމާލުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް މިދުފާ ނަޢީމްވެސް ވާހަކަ ދެއްކެވިއެވެ.
މިއަދު ބޭއްވުނު އިންޓަރެކްޓިވް ޑައިލޮގްގައި މި މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގައި ޤާއިމްވެފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ މެމްބަރުންނާއި، ސަރުކާރު ވުޒާރާތަކުގެ މުވައްޒަފުންނާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ އަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. އަދި މި ދުވަސް ކަނޑައެޅުމަށް އ.ދ.ގެ ޢާއްމު މަޖިލީހުގައި 2022 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު 191 މެމްބަރުގެ ކޯ-ސްޕޮންސަރޝިޕްއާއެކު ފާސްކުރި ޤަރާރު ނަންބަރު A/RES/76/269 އަކީ ދިވެހިރާއްޖެއިން އިސްވެ ހުށަހެޅި ޤަރާރެކެވެ.
ނިމުނީ