ޚަބަރު

އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

Ref: 2024/PR/239

މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން އެކަން ބަލަމުންނެވެ.

މިހާލަތާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި، އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރަމެވެ. އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސް ކުރަމެވެ.  

އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން consular@maldiveshighcommission.uk މެދުވެރިކޮށް ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ދަންނަވަމެވެ. 

އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މަޢުލޫމާތު ތިރީގައި މިވަނީއެވެ:

ފޯނު: 02072242135(44+)  

އީމެއިލް:  

info@maldiveshighcommission.uk

consular@maldiveshighcommission.uk

 މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު  7983400

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960