Ref: 2024/PR/253
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރު އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް. ޖެއިޝަންކަރު އަށާއި އިންޑިއާ ސަރުކާރަށާއި އިންޑިއާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ޑޮކްޓަރ ޖެއިޝަންކަރަށް ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކާއި ތަރައްގީއަށް މަރުހަބާ ވިދާޅުވެ އަދި އިންޑިއާ އަކީ ދުނިޔޭގެ ޑިމޮކްރަސީތަކަށް ނަމޫނާއެއް ކަމުގައި ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޑޮކްޓަރ ޖެއިޝަންކަރު މި އޮގަސްޓް މަހުގެ 9 އިން 11 އަށް ރާއްޖެ ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށް އަލިއަޅުވާލައްވައި، މިނިސްޓަރު ޒަމީރު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެ، އެއްބަސްވެފައިވާ މުހިންމު މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ކުރި އެރުމަށާއި ސަރަހައްދުގެ ސުލްހަ މަސަލަސް ދެމެހެއްޓުމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުކަން، ކަމުގައި ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"ދެޤައުމުގެ ދާއިމީ އެކުވެރިކަމަކީ ދެޤައުމުގެ ރައްޔިތުންގެ ލާބަޔަށާއި، ސުލްހަވެރިކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަމަށް މަސައްކަތް ކުރުމުގައި މަގު ދައްކައިދޭނެ އަސާސެއް ކަމުގައި ދެކެން" މިނިސްޓަރ ޒަމީރު ގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ސިޓީފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޒަމީރު ވަނީ އެ މަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވައި، އިންޑިއާގެ ރައްޔިތުންގެ ލާބަޔަށާއި ކުރިއެރުމާއި ތަރައްޤީއަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.