22 ފެބްރުއަރީ 2017 - މާލެ، - Ref: 2017-072
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް، ހިޒް އެކްސަލެންސީ މރ. އެމް.ޖޭ. އަކްބަރު، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާސިމްގެ އަރިހަށް މިއަދު ހެނދުނުގެ ވަގުތެއްގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިނިސްޓަރ އާސިމްގެ ވާހަަކަފުޅުގައި ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި ޢިޤްތިސާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ދިވެހި ސަރުކާރުން ފާހަގަ ކުރާކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާ އިންޑިއާ އާއި އޮންނަނީ ޒަމާންވީ ރަޙްމަތްތެރިގުޅުމެކެވެ. ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެނީ އިންޑިއާ ފަސްޓް ޕޮލިސީއެކެވެ. އަދި އިންޑިއާ އިން ދަނީ އަބަދުވެސް ދިވެހިރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ އަލީ ނަޞީރު މުޙައްމަދާއި ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް، އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު އަޒީމާ، އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.