13 އޭޕްރީލް 2017 - މާލެ،
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސަލެންސީ ޑރ. ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީ ޖައިޝަންކަރުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދާ ބައްދަލުކުރައްވާ ދެ ޤަޢުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވި ދަތުރުފުޅެކެވެ.
ދިވެހިރާއްޖެ އާއި އިންޑިއާ ސިޔާސީ ގުޅުން ޤާއިމްކުރީ 1 ނޮވެމްބަރ 1965 ގައެވެ. މިއަހަރު މިގުޅުމަށް 52 އަހަރު ފުރޭއިރު، ދިވެހިރާއްޖެއަކީ "އިންޑިއާ ފަސްޓް ޕޮލިސީ" ގެ ދަށުން އިންޑިއާ އާއި ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އަދި އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް ދިމާވާ ދަތި އުނދަގޫ ކަންކަމުގައި އެހީތެރިވެދޭ ޤައުމެކެވެ.