ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލްގެ 34 ސެޝަންގެ ހައި ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޖެނީވާއަށް ފުރައިވަޑައިގެންފި

މާލެ، 25 ފެބްރުއަރީ 2017 – Ref: 2017-078

27 ފެބްރުއަރީ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ހައި ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު އާސިމް ވަނީ ސްވިޒަލޭންޑްގެ ޖެނީވާ އަށް މިއަދު ފުރާވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ ޑެލެގޭޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން މި ކައުންސިލުގެ ހައި ލެވެލް ސެގްމަންޓުގައި މިނިސްޓަރ އާސިމް ސްޓޭޓްމަންޓެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭން އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 2011 އިން 2013 ގެ ދައުރުގައި އަދި 2014 އިން 2016 ގެ ދައުރުގައި ވަނީ މެމްބަރުކަން އަދާކޮށްފައެވެ. 2017 ގައި އެންއަހަރުގެ މެންޑެޓަރީ ބްރޭކް ނެގުމަށްފަހު އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 2018 އިން 2020 ގެ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖޭން ވަނީ ކުރިމަތިލާފައެވެ.

މިދަތުރުގައި މިނިސްޓަރ އާސިމް އާއެކު ބައިވެރިވެވަޑައިގަންނަވާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ އަލްފާޟިލާ ޝާހިޔާ އަލީ މަނިކު އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960