ޚަބަރު

ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ދެމުން ގެންދާ ހަމަލާތަށް ވަގުތުން ހުއްޓުވުމަށް ގޮވާލާ ދިވެހިރާއްޖެއިން އ.ދ. ގެ އާއްމު މަޖިލީހުގައި ޤަރާރެއް ކޯ - ސްޕޮންސަރ ކުރުން

27 އޮކްޓޯބަރ 2023 ވީ ހުކުރު ދުވަހު ބޭއްވުނު އ.ދ. ގެ އާއްމު މަޖިލީހުގެ 10 ވަނަ އެމަރޖަންސީ ސްޕެޝަލް ސެޝަންގައި ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފިއެވެ.

 

ދިވެހިރާއްޖޭގެ އިތުރުން 46 ޤައުމެއް ވަނީ މި ޤަރާރު ކޯ - ސްޕޮންސަރކޮށްފައެވެ. އަދި މި ޤަރާރާ އެއްކޮޅަށް ވޯޓު ދިން 120 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. މި ޤަރާރާ ދެކޮޅަށް 14 ޤައުމަކުން ވޯޓު ދީފައި ވާއިރު 45 ޤައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުލައެވެ.

 

މިއީ އިސްރާއީލް އިން ޣައްޒާގެ އުމްރާނީ ވަސީލަތްތަކާށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ހަމަލާތައް ފެށުނު ފަހުން ބައިނަލްއަޤްވާމީ މުޖުތަމައު އެއް ތަނަކަށް އެއްވެ އެ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާ ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. އެގޮތުން ޣައްޒާގައި އާންމުންނަށް ޒަރޫރީ މުދަލާއި ހިދުމަތްތައް ހުރަހެއް ނެތި ފޯރުކޮށްދިނުމުގެ ގޮތުން "ހިއުމެނިޓޭރިއަން ކޮރިޑޯރ" އެއް ގާއިމް ކުރުމަށް މި ޤަރާރުގައި ގޮވާލާފައިވެއެވެ. އަދި ފަލަސްތީނުގެ އާއްމު ރައްޔިތުން ގަދަކަމުން ފަލަސްތީނުން ބާލައި ބަދަލުކުރުމަށް ކުރާ މަސައްކަތްތައްވެސް މި ޤަރާރުގައި ކުށްވެރިކުރިއެވެ.  

 

އިސްރާއީލް އިން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމާލަތައް ހުއްޓުވުމާ ގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުން ހައްލެއް ހޯދިފައި ނުވާކަމަކީ ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެގޮތުން މި ވަގުތަކީ ބައިނަލްއަޤްވާމީ އިންސާނީއްޔަތުގެ ޤަނޫނުގެ ދަށުން އާއްމު ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަށާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށާއި އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ އެކިއެކި ފަރާތްތައް ހިމާޔަތްކުރުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން މަސައްކަތްކުރަންވީ ވަގުތު ކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރެއެވެ.

 

އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން މި ވަގުތު ކުރިއަށްދާ އ.ދ. ގެ 10 ވަނަ އެމަރޖަންސީ ސްޕެޝަލް ސެޝަން 31 އޮކްޓޯބރ 2023 ވާ އަންގާރު ދުވަހު އަލުން ފެށޭނެއެވެ. އަދި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލްފާޟިލާ ތިލްމީޛާ ޙުސައިން ދިވެހިރާއްޖެ ތަމްސީލުކުރައްވާ ތަޤްރީރު ކުރައްވާނެވެ.

 

ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ވަކި ދައުލަތެއް އުފެއްދުމުގެ ހައްޤާއި އެހެނިހެން ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އަރުވަމެވެ. އަދި ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ލިބެން އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށްފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960