Ref: 2024/PR/386
އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށް، މި މަހުގެ 10 އިން 13 އަށް އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ފުރާވަޑައިގެންފިއެވެ.
މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރ ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.
ނިމުނީ