Ref: 2025/PR/2
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިއަދު ނިއުދިއްލީ ގައި ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ބައްދަލުވުމުގައި، އިންޑިއާގެ ހިލޭއެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.
ހަމައެޔާއެކު، ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.
އަދި، އިންޑިޔާއިން ޒަމާނުއްސުރެ ދިވެހިރާއްޖެއާ ދޭތެރޭ ބަހައްޓަވައި ގާތްކަންފާހަގަކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމަށް ފަހު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް 3ގެ ފަހުމުނާގައި ދެމިނިސްޓަރުން ސޮއިކުރެއްވިއެވެ. މި ޕްރޮޖެކްޓްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ.
ނިމުނިީ