ޚަބަރު

ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް، ބަޙްރެއިން ގެ ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2024/PR/394

ބަޙްރެއިން ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ އަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ބަޙްރައިންގެ 53 ވަނަ ޤައުމީ ދުވަހާ ގުޅިގެން ބަޙްރެއިން ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. މި ޚާއްޞަ ދުވަހަކީ ބަޙްރައިންގެ ރައްޔިތުންގެ މުއްސަނދި ތާރީޚާއި، ސަގާފަތާއި، ކާމިޔާބީތައް ރަމްޒުކޮށްދޭ ދުވަހެކެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމުގައި ދިވެހިރާއްޖެއިން ބަޙްރެއިނާއެކު މަސައްކަތްކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މި ގުޅުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމުގައި އަޅުގަނޑު ޔަގީން ކުރަމެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަޙްރައިންއަށް ސުލްޙައާއި ފާގަތިކަމާއި، ކުރިއެރުން ލިބުމަށް އެދެމެވެ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެން ދާނެކަމުގައި ޔަޤީން ކުރަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.


ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960