ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޕާކިސްތާނު ގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް، ސަރްތާޖް އަޒީޒްއާ ބައްދަލުކުރައްވައިފި

 

24 އޭޕްރިލް 2017. އިސްލާމްއާބާދް، 

ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އެމަނިކުފާނު ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނުގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސަރްތާޖް އަޒީޒް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، 2015 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެވުނު އެމް.އޯޔޫ. ތަކުގެ ތެރެއިން ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ އިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޕާކިސްތާން ސަރުކާރުން ދިވެހި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީއަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ. 

މި ބައްދަލުވުމަށްފަހު ޕާކިސްތާނުގެ އެޑްވައިޒަރ އަޒީޒް މިނިސްޓަރ އާސިމް ގެ ޝަރަފުގައި މެންދުރު ފަރީކޮޅެއްވެސް ވަނީ ދެއްވާފައެވެ. 

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އަހްމަދު ސަލީމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލް އިބްރާހިމް ޝަހީބު، ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ޝަބީނާ ގެ އިތުރުން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960