Ref: 2024/PR/391
އޮމާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނަސް ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޙަލީލް އޮމާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެޒެންޓެޓިވް އޮފް ހިޒް މެޖަސްޓީ، ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް މިނިސްޓަރ ޑރ. ޚަލީލް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ހިޒް ހައިނަސް ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހުގައި އޮމާންގެ ފޮރިން މިނިސްޓަރ ހިޒް އެކްސަލަންސީ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީވެސް ބައިވެރިވެވަޑައިގަތެވެ.
އޮމާންގެ ފޮރިން މިނިސްޓަރ ހިޒް އެކްސަލަންސީ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީއާއެކު މިނިސްޓަރ ޑރ. ޚަލީލް ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރވަނީ ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. މިގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި މިނިސްޓަރ އޮފް ފިނޭންސް ހިޒް އެކްސަލަންސީ ސުލްތާން ބިން ސަލީމް ބިން ސަޢީދު އަލް ހަބްސީއާއި މިނިސްޓަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން ހިޒް އެކްސަލަންސީ ޤައިސް ބިން މުޙައްމަދު އަލް ޔޫސުފްއާއި އޮމާންގެ އެހެނިހެން ޢިއްޒަތްތެރިންނާވެސް މިނިސްޓަރ ޑރ. ޚަލީލް ބައްދަލުކުރެއްވިއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސްއާއި ޑިޕްލޮމެޓިކް، ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެކެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ، އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ