ޚަބަރު

ޑެންމާކްގެ ޚާރިޖީ ވަޒީރު އެންޑާސް ސަމުއެލްސެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރެއްވުން

27 ފެބްރުއަރީ 2017، ޖެނީވާ Ref: 2017-084

 ޑެންމާކްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ އެންޑާސް ސަމުއެލްސެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު ޑރ. އާސިމާއި ބައްދަލުކުރެއްވީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ހިނގަމުންދާ އ.ދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި އެންޑާސް ސަމުއެލްސެން ވަނީ  2019 އިން 2021 އަށް އ.ދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގޮނޑިއަށް ޑެންމާކު ކުރިމަތިލައްވާފަ ވާކަމުގެ މައުލޫމާތު ހިއްސާކުރައްވާ އެކަމާބެހޭ ތަފްސީލް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އާސިމަށް އަރުވާފައެވެ. އަދި ޑރ.އާސިމް ވަނީ ދިވެހިރާއްޖެއިން 2018 އިން 2020 އެ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލައްވާފަކަން ހާމަކުރައްވާ އެފަރާތަށް މައުލޫމާތު އަރުވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންޑާސް ސަމުއެލްސެން ވަނީ ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ސުވާލު ކުރައްވާފައެވެ. މިގޮތުން، ޑރ.އާސިމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ހެދިފައިވާ "ކްލައިމެޓެ ޗޭންޖް ޕޮލިސީ ފްރޭމްވޯކް"އަށް އަލިއަޅުވާލާފައެވެ. 

މި ބައްދަލުވުން ނިންމާލަމުން، ޑރ. އާސިމް ވަނީ ޑެންމާކްގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވާފައެވެ.

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960