ޚަބަރު

ފިންލޭންޑް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް ފިންލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ކިއްމޯ ލަހްޑެވީރްތާ މިއަދު އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ 

މި ބައްދަލުކުރެއްވުމުގައި ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރު ލަހްޑެވީރްތާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. މީގެއިތުރުން، މިނިސްޓަރ ޒަމީރު ވަނީ ދެ ޤައުމުގެ ދެމެދުގައި ގާއިމުވެފައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާކުރުވަނި އައު ދާއިރާތަށް އިތުރުކޮށްދެއްވުމަށް ފިންލޭންޑް ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު ލަހްޑެވީރްތާ އަށް އަރުވާފައެވެ 

ސަފީރު ލަހްޑެވީރްތާ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ފިންލޭންޑް އާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ  ޔަޤީންކަން އަރުވާފައެވެ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960