ޚަބަރު

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ މަންދޫބުން އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކޮށްދޭ ޓްރަސްޓް ފަންޑްގެ އޭޝިއާ ބައްރަށް އަމާޒުކޮށްގެން ބާއްވާ ވަރކްޝޮޕް އިފްތިތާހުކޮށްފި

Ref: 2024/PR/378

އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން އިންސާނީ ހައްޤުތަކާބެހޭ ތަމްރީނާއި ފަންނީ އެހީތެރިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން އ.ދ. ގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯ.އެޗް.ސީ.އެޗް.އާރް.) އިން ޤާއިމުކޮށްފައިވާ ވޮލަންޓްރީ ޓެކްނިކަލް

އެސިސްޓަންސް ޓްރަސްޓް ފަންޑް (އެލް.ޑީ.ސީ/ސިޑްސް ޓްރަސްޓް ފަންޑް) އިން ކުރިއަށްގެންދާ ތިން ދުވަހުގެ ރީޖަނަލް ވަރކްޝޮޕް ފޮރ އޭޝިއާ ރީޖަން މިއަދު އިފްތިތާޙް ކޮށްފިއެވެ.

އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2012 ވަނަ އަހަރު ފާސްކޮށްފައިވާ 19/26 އަދި 2022 ވަނަ އަހަރު ފާސްކޮށްފައިވާ 49/32 ޤަރާރުގެ ދަށުން ހިންގާ މި ވަރކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ ބައްރަށް ނިސްބަތްވާ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ބައިވެރިވާ ޤައުމުތަކުގެ ސިޔާސަތުތަކާއި ލިބިފައިވާ ކުރިއެރުންތަކާއި ތަޖުރިބާ ޙިއްސާކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މި ވަރކްޝޮޕް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ޙަމީދު އަދި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ރައީސް އަދި ޖެނީވާގައި ހުންނަ އ.ދ. ގެ މަރުކަޒުތަކަށް، މޮރޮކޯއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އެމްބަސަޑަރ އޮމާރް ޒިނީބަރ އެވެ. މީގެ އިތުރުން، ޖެނީވާގައި ހުންނަ އ.ދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އާއި، އޯ.އެޗް.ސީ.އެޗް.އާރްގެ ހިއުމަން ރައިޓްސް ކައުންސިލް އެންޑް ޓްރީޓީ އެންޑް މެކޭނިޒަމްސް ޑިވިޜަންގެ ޑިރެކްޓަރ މރ. މަހަމާން ސީސޭ-ގޫރޯ އާއި، އޯ.އެޗް.ސީ އެޗް.އާރް އާއި އ.ދ. އިން ދިވެހިރާއްޖޭގައި ހުންނަ އދ.ގެ އޮފީހުގެ މަންދޫބުން މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދުގެ ވާހަކަފުޅުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކަށް އެޤައުމުތަކުގެ އަޑު އުފުލައި ބައިނަލްއަޤްވާމީ މައިދާނުގައި ބާރުވެރިކުރުމާއި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ވަކާލާތުކުރުމަށް މަގުފަހިކުރުމުގައި މި ވަރކްޝޮޕްގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ވަރކްޝޮޕްގައި އުނގަންނައިދޭ ފިލާވަޅުތަކުން ވަރކްޝޮޕްގެ ބައިވެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިވެ، ވަރކްޝޮޕްގެ ސަބަބުން ދެމެހެއްޓެނެވި ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރައްވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިވަރކްޝޮޕްގައި ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް، ދަ ގެމްބިއާ، ނޭޕާލް އަދި ޓިމޯރު ލެސްޓް އަށް ނިސްބަތްވާ 15 ބައިވެރިންގެ އިތުރުން އެލް.ޑީ.ސީސް ސިޑްސް ޓްރަސްޓް ފަންޑްގެ ފަންނީ އެހީތެރިކަން ލިބިފައިވާ ދިވެހިރާއްޖޭގެ 6 ފަރާތަކުން ބައިވެރިވެއެވެ. މި ވަރކްޝޮޕް ކުރިއަށް ދާނީ މި ޑިސެމްބަރ މަހުގެ 3 އިން 5 އަށް މާލެ، ދިވެހިރާއްޖޭގައެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960