ޚަބަރު

ދިވެހިސަރުކާރާއި ޓޯގޯ ސަރުކާރާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ޓޯގޯ ސަރުކާރާ ދެމެދު މިއަދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް" ގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޓޯގޯއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ޓޯގޯ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

މިއަދު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙުމަދު ޚަލީލްއެވެ.އަދި ޓޯގޯ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޕްރޮފެސަރ ރޮބަޓް ޑުސޭއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ޓޯގޯ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އުއްމީދުކުރަައްވާކަމަށް ސްޓޭޓް މިނިސްޓަރ އަޙުމަދު ޚަލީލްވަނީ ވިދާޅުވިއެވެ. އަދި ޚާރިޖީ ވަޒީރު ޑުސޭވެސްވަނީ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުވެފައެވެ. 

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960