ޚަބަރު

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރައީސަށް އަރުވައިފި

 ޖުލައި 8، 2024

ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރައީސް، ޗާލްސް މިޝެލް އަށް މިއަދު މެންދުރު އަރުވައިފިއެވެ

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ބްރަސެލްސް ގައި ހުންނަ 'ޔޫރޮޕާ' ބިލްޑިންގގައެވެ

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޤީލާ ޢަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޗާލްސް މިޝެލް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ

އަދި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ވެވުނު ފުރަތަމަ ފްރޭމްވޯކް އެގްރީމަންޓް ކަމަށްވާ "ސަމޯއާ އެގްރީމަންޓް" ސޮއިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ

މީގެ އިތުރުން، ދިވެހިރާއްޖެ އިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައިވާ ސަފީރުގެ މަޤާމާ ޤީލާ ޢަލީ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޗާލްސް މިޝެލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ކަށަވަރުކޮށްދެއްވިއެވެ

ސަފީރު ޤީލާ ޢަލީގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާ އަރިހުގާ ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960