Ref: 2024/PR/222
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ. އަދި ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ.
މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ޚަދީޖާ މުފްލިޙާ ގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ