19 ފެބްރުއަރީ 2017، މާލެ، - Ref: 2016-064
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ދެމެދު ބޭއްވޭ 6 ވަނަ މަޝްވަރާ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ގައި ބާއްވާފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓުއަރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާއި ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިއެވެ. ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވެފައި، ވޭތުވެދިޔަ ތިން އަހަރެއްހާދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހތަކެއް ވެދެއްވަމުންގެންދަވާފައިވާތީ އެކަން ފާހަގަކޮށް މިބައްދަލުވުމުގައި ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.
މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަ ކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލުބަދަލުކޮށް ވާހަކަ ދެކެވުނެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، އަލްފާޟިލް އަޙުމަދު ޚަލީލް އެވެ. ޗައިނާގެ ވަފްދުގައި އިސްކޮށްހުންނެވީ، އެސިސްޓެންޓެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެލްސަލަންސީ މރ. ކޮންގް ޒުއާންޔޫ އެވެ.