ޚަބަރު

ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ސަފީރު ކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނަށް އަރުވައިފި

ދިވެހިރާއްޖޭގެފަރާތުން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްތާން އިބްރާހީމް އަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ކުއާލަލަމްޕޫރު ގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރު އިސްތާނާ ނެގާރާ ގައެވެ
 
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، އެ ކަމަނާވަނީ މެލޭޝިއާގެ ރަސްގެފާނާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮއެދުންތައް އަރިސް ކުރެއްވިއެވެ. އަދި ރަސްގެފާނަށާއި، މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދިވަޑައިގަނަވާކަމަށް ވިދާޅުވިއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ވާހަކަފުޅުގައި، ސަފީރުކަމުގެ މަޤާމާ ޙާވަލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ އެކަމަނާއަށާއި ދިވެހި ސަރުކާރަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެރުވިއެވެ
 
ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މެލޭޝިއާ ސަރުކާރާއި މެލޭޝިއާ ރައްޔިތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދު މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ
 
މި ރަސްމިއްޔާތުގައި ހައި ކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ ޢާއިޝަތު ސަމާހާ ބައިވެރިވެ ވަޑައިގެންނެވިއެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960