ޚަބަރު

ދިވެހިރާއްޖެއާއި ޔޫ.އެން.ޑީ.ޕީ.އާ ދެމެދު އޮތް ގުޅުމަށް ސާޅީސް ފަސް އަހަރަށް ވުރެ ގިނަ އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފި

Ref: 2024/PR/331

ދިވެހިރާއްޖެއާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އާ ދެމެދު އޮތް ގުޅުމަށް ސާޅީސް ފަސް އަހަރަށް ވުރެ ގިނަ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާރިޖީ ވުޒާރާ އާއި ޔޫ.އެން.ޑީ.ޕީ. ގުޅިގެން ހަފްލާއެއް ބާއްވައިފިއެވެ. ވޭތުވެދިޔަ 45 އަހަރަށްވުރެ ދިގު މުއްދަތުގައި ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ 'ދިވެހި ދަތުރު' މި ހަފްލާގައި ވަނީ އިފްތިތާހްކޮށްފައެވެ. 

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ޚާއްސަ ތަޤްރީރެއް ދެއްވިއެވެ. އަދިޔޫ.އެން އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އެންޑް ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ އެންޑަ ދަ ޕެސިފިކް ކަންނި ވިގަނަރާޖާވެސް މި ހަފްލާގައި ވާހަކަފުޅުދެއްކެވިއެވެ.

މި ހަފްލާގެ ޝަރަފުވެރި މެހެމާނު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ތަޤްރީރުގައި އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގައި ޔޫ.އެން.ޑީ.ޕީ. ގެ އޮފީހެއް ޤާއިމުކުރި ހިސާބުން ފެށިގެންދިވެހިރާއްޖޭގެ ތަރައްޤީއަށް ޔޫ.އެން.ޑީ.ޕީ. އިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޔޫ.އެން.ޑީ.ޕީ.އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރު ނިމިގެންދާއިރު ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް އެމަނިކުފާނު ގެންގުޅުއްވާ އަމާޒަށް ވާސިލްވުމަށްޓަކައި ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޤްތިޞާދެއް ބިނާކޮށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވަނީ ސާޅީސް ފަސް އަހަރަށް ވުރެ ގިނަ އަހަރު  ދިވެހިރާއްޖެ އާއި ޔޫ.އެން.ޑީ.ޕީ. ދެމެދު ކުރެވުނު މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.އެގޮތުން، މުއައްސަސާތައް ހަރުދަނާކުރުމަށާއި، ސިޔާސަތުތައް އެކުލަވާލުވުމަށާއި، ގުޅުންތައް ބަދަހިކުރުމަށާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމަށް ފަންނީ އަދި މާލީ ގޮތުން ޔޫ.އެން.ޑީ.ޕީ. އިން ދެމުންގެންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މި ސަރުކާރުގެ ސްރެޓީޖިކް އެކްޝަން ޕްލޭނާއި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫ.އެން.ޑީ.ޕީ. އިން ދެމުންދާ އެއްބާރުލުންވެސް ފާހަގަކުރެއްވިއެވެ. 

ހަމައެއާއެކު، މި އަހަރު އެންޓިގާ އެންޑް ބާބުޑާގައި ބޭއްވި ސިޑްސް4 ކޮންފަރެންސްގައި އެއްބަސްވި އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (އަބަސް) ތަންފީޒުކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 
 
މި ހަފްލާގައި ޔޫ.އެން.ޑީ.ޕީ. ގެ 'އައިލެންޑް ލައިފް' މަޖައްލާގެ ޚާއްސަ އަދަދެއް ވަނީ އިފްތިތާހްކޮށްފައެވެ. އަދި، މި ހަފްލާގައި ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާވެސް ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ އުސްއަލިތައް ފެނިގެންދިޔަ ޚާއްސައެގްޒިބިޝަނެއް މި ހަފްލާގައި  ދައްކާލިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960