Ref: 2025/PR/43
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ވިވިއަން ބާލަކްރިޝްނަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ޚާރިޖީ ވަޒީރުގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ އަދި ރަހުމަތްތެރިކަމުގެ ގާތް ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވުމާއިއެކު، މިއީ ދެޤައުމުގެ ގުޅުމުގެ ތެރެއިން ފާހަގަކޮށްލެވޭ ތާރީޚީ މޭލުގާއެއްކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި ދެޤައުމުގެ ރަޚްމަތްތެރިކަމުގެ ގުޅުން ވޭތުވިއަހަރުތަކުގައި ބަދަހިވެގެންގޮސްފައިވަނީ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިންނާއި، ތަޢުލީމާއި، ވިޔަފާރިާއި އަދި އިޤްތިޞާދީ ގުޅުންތަކުގެ ތެރެއިންކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ސިންގަޕޫރު ސަރުކާރާއި ރައްޔިތުން ރާއްޖެއަށް އެކިދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މަސްރަހްގައި ސިންގަޕޫރާިއެކު ގާތުން މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަންްވެސް އެމަނިކުފާނު ސިންގަޕޫރުގެ ޚާރިޖީ ވަޒީރަށް ދެއްވިއެވެ.
ނިމުނީ