ޚަބަރު

ދިވެހިރާއްޖެ އަމަލީގޮތުން ބައިވެރިވެ އިސްދައުރަކާއެކު އިންސާނީ ހައްޤުތަކާއިބެހޭ މަޖިލީހުގެ 56 ވަނަ ސެޝަން ނިމިއްޖެ

މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ޖެނީވާގައި ފެށުނު އ.ދ. ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 56 ވަނަ ސެޝަން މިއަދު ވަނީ ނިމިފައެވެ

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މި ސެޝަންގައި 26 ގަރާރެއް ފާސްކޮށްފައިވެއެވެ. މިފަހަރުގެ ސެޝަންގައި އަމަލީ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ތަފާތު މައުޟޫތަކަކާ ގުޅޭގޮތުން ތަޤްރީރު ކުރިއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން އިސްކަންދޭ ދާއިރާތަކަށް ނިސްބަތްވާ 15 ޤަރާރެއް ކޯ-ސްޕޮންސަރކުރިއެވެ. މީގެ ތެރޭގައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާވެފައިވާ ވެއްޓެއްގައި ކުޑަކުދިން ރައްކާތެރިކުރުމާއި، ޕްލާސްޓިކް ކުނީގެ ސަބަބުން އިންސާނީ ޙައްޤުތަކަށް ކުރާ އަސަރާއި، ސުލްޙަވެރި އެއްވުންތަކުގައި ސަލާމަތްތެރިކަން ލިބުމުގެ ޙައްޤާއި، "މެންސްޓްރުއަލް ހައިޖީން މެނޭޖްމަންޓް" އާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ޤަރާރުތައް ހިމެނެއެވެ

މި ޤަރާރުތަކުގެ އިތުރުން ދިވެހިރާއްޖެ ހިމެނޭ "އިންޑިޕެންޑެންސް އެންޑް އިމްޕާޝާލިޓީ އޮފް ދަ ޖުޑީޝަރީ، ޖޫރަރޒް އެންޑް އެސެސަރޒް އެންޑް ދަ އިންޑިޕެންޑެސް އޮފް ލޯޔަރޒް" ގެ ކޯރ ގްރޫޕުގެ ފަރާތުން އެ ނަމުގައި ޤަރާރެއް ހުށަހެޅިއެވެ. އެ ޤަރާރުގެ މަޤްޞަދަކީ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ހުރި މިންތީގެ ފަރަގުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ އިތުރުން، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި ދެމެހެއްޓުމަށް ބާރުއެޅުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ނަންބަރު 16 ހާސިލްކުރުމެވެ. 70 ޤައުމަކުން ކޯ-ސްޕޮންސަރކޮށްފައިވާ މި ޤަރާރު، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އެއްބަސްވުމާއެކު ފާސްވެފައިވެއެވެ

މި ސެޝަންގައި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ ޖޮއިންޓް ސްޓޭޓްމަންޓްތައް ހިމެނޭ ގޮތަށް ރާއްޖެއިން 30 ޖޮއިންޓް ސްޓޭޓްމަންޓެއް ކޯ-ސްޕޮންސާކުރިއެވެ. މީގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤަޢުމުތަކުގެ ގްރޫޕް ތަމްސީލްކޮށް ދިވެހިރާއްޖެއިން މި ސެޝަންގައި ހުށަހަޅި ޖޮއިންޓް ސްޓޭޓްމަންޓުގައި އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށްޓަކައި ތިމާވެށި ރައްކާތެރި ކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ގުޅިގެން މަސައްކުރުމަށް އެއްބާރުލުން ދޭނެކަމަށް ހާމަކުރެއްވިއެވެ. އަދި، ފަލަސްޠީނާއި ގުޅޭގޮތުން މި ސެޝަންގައި ހުށަހެޅި 4 ޖޮއިންޓް ސްޓޭޓްމަންޓެއް ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކޮށް ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން އަބަދުވެސް ތާއީދުކުރާކަންވެސް ހާމަކުރިއެވެ

އ.ދ. ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލިހުގެ 56 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގެންނެވީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް ފާތިކާ ފަޔާޟް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އާއިޝަތު ރިފްޤާ މުޙައްމަދު އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960