Ref: 2025/PR/378
އިންޑިއާ – ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގެ ތިންވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު އަޒީމާއެވެ. އަދި އިންޑިއާ އިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ. އަދި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އިންޑިއާ – ދިވެހިރާއްޖެ އާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ޤާއިމްކުރެވުނީ ދެޤައުމުގެ ކޮންސިއުލަރ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލަރ ކަންކަމުގެ ޤާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލަރ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަޤްސަދުގައި 2017 ވަނަ އަހަރުއެވެ. މިގޮތުން، ކޮންސިއުލަރ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިފައި ވަނީ 2018 ވަނަ އަހަރު މާލޭގައެވެ.
މި ބައްދަލުވުމުގައި، ދެޤައުމުން ގުޅިގެން ކޮންސިއުލަރ އާއި ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުއެވެ. އަދި، ދެ ޤައުމުން ވަނީ މި ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކޮށްފައެވެ.
ނިމުނީ