ޚަބަރު

ދިވެހި ސަފީރުންގެ މަހާސިންތާ 2017 ގުޅޭ ނޫސްބަޔާން

ދިހަ އަހަރަށް ފަހު ބޭއްވުނު ދިވެހި ސަފީރުންގެ މަހާސިންތާ ވަރަށް ކާމިޔާބު، މިނިސްޓަރ އާސިމް

20 އޭޕްރިލް 2017، މާލެ

ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާއިން ބޭނުންވާ ފަދަ މަޝްވަރާތަކެއް ކުރެވި ނަތީޖާ ނެރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުހަންމަދު އާސިމް ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބަވާ ދިވެހިރާއްޖޭގެ ސަފީރުންނަށް ޚާއްސަކޮށްގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މި އަހަރުގެ ޝިޢާރަކީ ދިވެހިރާއްޖެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ. މީގެ ތެރޭގައި ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި، ފަތުރުވެރިކަމާއި އެހެނިހެން ދާއިރާއަށް އިންވެސްޓްމަންޓަށް އޮތް މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މަސްރަހުގެ ތަފާތު މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތުތައް ބައްޓަންވެގެން އަންނަ ގޮތާއި އެ ރޮނގުތަކުން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ހަމައެއާއެކު މިނިސްޓްރީއާ މިޝަންތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވިލަރެސް ކުރުމާ ގުޅޭގޮތުންވެސް މި މަހާސިންތާގައި ޚިޔާލު ބަދަލު ކުރެވުނެވެ.

އޭޕްރިލް މަހުގެ 19 ން 20 އަށް މާލޭގައި ބޭއްވުނު  މި މަހާސިންތާގައި ތަފާތު އެކި ވުޒާރާތަކުން މައުލޫމާތު ދެއްވާފައިވާވެއެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންވަނީ ފަތުރުވެރިކަން އިޝްރިހާރުކުރުމާއި ފަތުރުވެރިކަމުގައި އިތުރަށް އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ މިހާރު ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ތަފާތު ފުރުޞަތުތަކާއި ދިވެހިރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގޮތްތަކުގެ ތަފްޞީލު ސަފީރުންނަށް އަރުވާފައެވެ. މީގެ އިތުރުންވެސް މިއަދު ދިވެހިރާއްޖެއިން ވަކާލާތު ކުރަމުންދާ ބައިނަލްއަޤްވާމީ ތަފާތު ފޯރަމްތަކުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައްޓަންވެގެން އަންނަ ގޮތާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މައުލޫމާތު ދެއްވިއެވެ. މި މަޝްވަރާތަކުގެ އަލީގައި މިހާރަށްވުރެ ބޮޑަށް މައުލޫމާތު ބަދަލުކޮށް އަވަސް ގޮތެއްގައި މައުލޫމާތު ލިބިގަނެވޭނެ ގޮތްތަކާއި ސަފީރުންނަށް ހުރި ބައެއް ގޮންޖެހުންތަކާއި އެގޮންޖެހުންތަކަށް ހުރި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މީގެ އިތުރުންވެސް މިޝަންތަކާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ދެމެދު މުޢާމަލާތު ކުރެވެމުންދާ ގޮތްތައް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކުގެ ކަރުދާހެއް އެކުލަވާލާ ރައީސުލްޖުމްހީރިއްޔާއަށް ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ.

ސަފީރުންގެ މަހާސިންތާއެއް އެންމެ ފަހުން ބޭއްވިފައިވަނީ 2007 ވަނަ އަހަރު މާލޭގައެވެ. މިއަހަރުގެ މަހާސިންތާ ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާ ގުޅިގެންނެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960